Saturday, May 30, 2009

8

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަކީ ރަނގަޅުކަމެއްބާ؟



ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް 62،500 ރުފިޔާއިން 37،000 ރުފިޔާއަށް ކުޑަކުރުމަށް ފެނިވަޑައިގަންނަވާކަމަށް ހދ.ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޛް މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައިގަނޑު ސަބަބެއްކަމަށް، ހަވީރު ނޫހުގައި މިކަމާބެހޭގޮތުން ލިއުއްވާފައިވާ ޚަބަރެއްގައިވަނީ، މިހާރު ދޭ މުސާރައާއި އިނާޔަތްތަކަކީ ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު ބޮޑު އަދަދެއްކަމަށް ނަޝީދުއަށް ފެނިވަޑައިގަންނަވާކަމަށް އޭނާގެ އޮފީހުން ނެރުއްވާފައިވާ ނޫސްބަޔާނެއްގައިވާ ކަމަށެވެ.


ރާއްޖޭގެ މިހާރުގެ ޙާލަތުގެ ޙަޤީޤީ މަނާއަކީ ކޮބައިބާވައެވެ؟ އެއީ ރާއްޖޭގެ މާލީ ހާލަތުގެ ވާހަކަތޯއެވެ؟ ނޫނީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދު ހަމަޖެއްސެންނެތް ޙާލަތުތޯއެވެ؟ ނޫނީ ދައުލަތަށްލިބޭ އާމްދަނީ އިތުރުކުރެވޭ އާ ގޮތްތަކެއް ނުވިސްނޭފަދަ ނުވަތަ ވިސްނުނަސް އެކަންކަމަށް ޢަމަލީ ސިފައެއް ނުގެނެވޭނެ ޙާލަތެއްގައި އަޅުގަނޑުމެން ތިބީތޯއެވެ؟ ނޫނީ މީގެކުރިން ވަކިބަޔަކަށް ލިބުނު މުސާރައާއި އިނާޔަތްތައް މިހާރުގެ މަޖިލީހުގެ މެމްބަރުންނަށް ލިބިގެންނުވާނެކަމަށް ފެނިވަޑައިގަންނަވަނީތޯއެވެ؟ މިސުވާލުތަކަކީ މިބިލާމެދު ބަހުސް ކުރެވޭއިރު މަޖިލީހުގެ ތެރެއިން ޖަވާބު ލިބިގެން ހިނގައިދޭނެ ސުވާލުތަކަށް ފަހަރުގައި ވެދާނެއެވެ. ބަލަން ތިބެމާ ހެއްޔެވެ؟


ހުށަހަޅާފައިވާ ގޮތަށް މުސާރައާއި އިނާޔަތްތައް މިހާރު ހުރި މިންވަރުން 41 ޕަސެންޓަށް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފިނަމަ، އެބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް މަހަކަށް 1.9 މިލިއަން ރުފިޔާގެ ލުޔެއް ލިބިގެންދާނެއެވެ. އަދި އަހަރުގެ ބާކީއޮތް 7 މަސްދުވަހަށް 13.7 މިލިއަން ރުފިޔާ، ނުވަތަ ގާތްގަޑަކަށް 1 މިލިއަން ޔޫއެސް ޑޮލަރު ބަޖެޓުގެ ޚަރަދުގެ ތެރެއިން ސަލާމަތްކުރެވިގެންދާނެއެވެ. އަހަރަކަށް ބަލާއިރު ޚަރަދުން އުނިކުރެވޭނެ ޖުމްލަ އަދަދަކަށްވަނީ 23.56 މިލިއަން ރުފިޔާ ނުވަތަ 1.83 މިލިއަން ޔޫއެސް ޑޮލަރެވެ. މިގޮތުން ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯއްދަވައި ދެއްވުމަކީ މިހުށަހެޅުމުގެ މައިގަނޑު އެއްވިސްނުން ކަމުގައިވާނަމަ، ހިސާބުތައް ދައްކާގޮތަށް ބަލައި، ދެންހުރި އެހެން ކަންކަން އެއީ ވިސްނަންނުޖެހޭ ކަންކަމަށްވާނަމަ މިއީ ވަރަށް ރަނގަޅު ހުށަހެޅުމެއްކަމަށް ފެނެއެވެ.


ނަމަވެސް، އުފެދޭ އަނެއް ސުވާލަކީ، މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތް މިހާރުއޮތް މިންވަރުގައި ބޭއްވުމަށް މެމްބަރަކު މަޖިލީހުގައި ވާހަކަ ދައްކަވާ ދެއްކެވުންވާނީ، އެމެމްބަރެއްގެ އަމިއްލަ މަސްލަހަތަށް ވިސްނަވަނީ ކަމަށްބާއެވެ؟ ވިސްނާލުން ރަނގަޅު ނުވަތަ ބަހުސްކޮށްލަން ރަނގަޅު ވާހަކައެވެ. އެހެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ހޮވިވަޑައިގެންފައިވާ މެމްބަރުންގެ ތެރޭގައި މަޖިލީހުން މުސާރައެއް ނުލިބުނަސް އަމިއްލަ ދިރިއުޅުއްވުމުގެ ކަންތައްތަކާއި، އެމެމްބަރަކު ތަމްސީލްކުރައްވާ ދާއިރާއެއްގެ ރައްޔިތުންނަށް ޚިދްމަތް ދެއްވުމަށް ހަމަޖައްސަވަންޖެހޭ އިދާރީ އިންތިޒާމުތަކާއި، އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވަން ޖެހިއްޖެ ހިނދެއްގައި އެކަމެއްވެސް އެއްވެސް ބުރަކަމެއްނެތި ހަމަޖައްސަވައި ދެއްވިދާނެފަދަ ތަނަވަސްކަންހުރި މެމްބަރުންތަކެއްވެސް ތިއްބެވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް، މަޖިލީހުގެ ހުރިހާ މެމްބަރުންނަކީ މިފަދަ ތަނަވަސްކަންހުރި ބަޔަކަށް ނުވުމަކީ ވަރަށް ގާތުގައިވާ ކަމެއްކަމަށް ފެނެއެވެ. އެކަމަކު، މިދެންނެވިފަދަ އަމިއްލަ ތަނަވަސްކަންހުރި މެމްބަރުންނާއި އެނޫން ފަރާތްތައް ވަކިކުރާނީ ކިހިނެއްބާއެވެ؟ އަދި ވަކިކުރެވުނަސް ތަފާތު މުސާރައެއް ތަފާތު މެމްބަރުންނަށް ކަނޑައެޅުމަކީ ކިހާ ބުއްދިވެރިކަމެއްތޯ، ނުވަތަ އިންސާފުވެރިގޮތަކަށް ވެދާނެބާއޭ ހިތަށް އަރައެވެ.


މިކަމުގައި އަޅުގަނޑު ދެކޭގޮތުގައި އެންމެ އިސްކަމެއް ދޭންޖެހޭކަމަކީ، މުއްސަދީންގެ ޖީބުތަކަށް، ނުވަތަ ނޫފުޒު ފޯރުވަފާނެ ބަޔެއްގެ އަތްމައްޗަށް ވެއްޓެންޖެހިދާނެ ބަޔަކަށް މަޖިލީހުގެ މެމްބަރުން ނުވާނެގޮތެއް ވުމެވެ. 62،500 ރުފިޔާއަށް މުސާރައާއި އިނާޔަތްތައް ބޮޑުކުރެއްވުމުގައި ގެންގުޅުއްވި މައިގަނޑު އެއްވިސްނުމަކީ މިއީކަމަށްވެސް ފަހަރުގައި ވެދާނެއެވެ.


މުސާރަ ކުޑަކުރުމަކީ އެއްވެސް ޙާލެއްގައި ގޯސްކަމެކޭ އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް މިކަން މިގޮތަށް ކުރުމުގައި ވިސްނާލަންޖެހޭ ކަންތައްތަކެއް ވާކަމަކީ އަޅުގަނޑު ހަމަގައިމުވެސް ދެބަސްވާނެކަމެއްނޫނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އިނާތްތަކާމެދު ވިސްނަވާއިރު، އެހެން ފަރާތްތަކުގެ މުސާރައަށްވެސް ބަދަލުތަކެއް ގެންނަންޖެހޭތޯ (ކުޑަކުރަން ނުވަތަ ބޮޑުކުރަން) ބަހުސްކުރެވޭނެކަން ޔަޤީންނެވެ. އެނގިދާނެތާއެވެ. މަޖިލީހުގެ ނިންމެވުން ބަލަންތިބެމާހެވެ. ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް އަޅުގަނޑު ދެކޭނީ އެނިންމެވުމަކީ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެއްވެސް މެމްބަރަކު އެމެމްބަރެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް ނުވިސްނަވާ، ޤައުމީ މަސްލަހަތަށާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދެއްވައިގެން ނިންމަވާ ނިންމެވުމަކަށެވެ.

4 comments:

  1. ގައުމަށްޓަކައި މެންބަރުންގެ މުސާރަ ކުޑަކުރަން ތައްޔާރަށް ތިބި ކަމުގައި ދެއްކުމަކީ ރަނގަޅު ކަމެއްކަމުގައި ދެކެމެވެ. އެއްގޮތަކަކީ އިގްތިޞާދީ މަސްރަޙު ރަނގަޅު ވަންދެން މުސާރައިގެ ޑިޑަކްޝަނެއްހަދާ އެޢަދަދު ކޮންމެވެސް ކަމަކަށް ޚާއްޞަކުރުމެވެ. މިސާލަކަށް ކޮލެޖަށް މަދުވެފައިވާ ފައިސާ ނުވަތަ ހިޔުމަން ރައިޓްސް ކަމިޝަން ހިންގުމަށް ބޭނުންވާ ފައިސާއަށް ޚާއްސަ ކުރުން. އަދި މިއާއެކު މައުމޫނު ސަރުކާރުގެ ފަހު ކެބނެޓުން ދެއްކި ފަދަ މސާލެއް ސަރުކާރުގެ މަތީ ސަފުގައި ތިބިއެހެން ފަރާތްތަކަށް ދެއްކުމަށްވެސް ގޮވާލުން

    ReplyDelete
  2. މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއްކަމަކަށް ނުފެނެއެވެ. މިހާރުދެއްވާ މުސާރައަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޒިންމާއާ މަސްއޫލިއްޔަތަށް ބަލާއިރު ބޮޑުއެއްޗެކަމުގައި ދެންނެވުމަކީ ހަމަޖެހޭކަމެއްކަމަކަށް ނުފެނެއެވެ. މަޖިލީހުގައި ތިއްބަވާ މެމްބަރުން އެ ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރައްވާނަމަ އެއީ އަދި އެހެންކަމެކެވެ. އެކަމުގެ ޖަވާބު އެފަދަ ފަރާތްތަކަށް ދެއްވަންޖެހޭނީ ފަސްއަހަރު ފަހުންނަމަވެސް އެ މެމްބަރުން ހޮއްވެވި ރައްޔިތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މުސާރަ ކުޑަކުރަން މަސައްކަތްކުރުމަކީ މަޖިލީހުގެ މެމްބަރުކަމަށް އެކަށީގެންވާ މީހުން ކުރިމަގުގައި ކުރިމަތިލުމަށް ހުރަސް އެޅުއްވުމަށް ކުރައްވާކަމެއްކަމުގައި ބައެއްފަރާތަކުން ދެކުމުގެ ފުރުޞަތު އޮންނާނެކަމެއްކަމަށް ވުމަކީވެސް އެކަށިގެންވާކަމެކެވެ. އެހެން ނޫންނަމަވެސް ރާއްޖޭގެ ޙާލަތު ދަށްވުމުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމެއް ނޫނެވެ

    ReplyDelete
  3. good points .... more worrying is the fact that these guys take home over or close to Rf 100K as allowances.

    ReplyDelete

Blog's view optimised for 1152 x 864 pixels