Saturday, July 11, 2009

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު: އެމްއެމްއޭ އިން މަޢުލޫމާތު ހިފަހައްޓަނީ ކީއްވެ؟

ރާއްޖޭގެ އިޤްތިޞާދީ ޙާލަތުގެ މައްޗަށް ބަލައިލާ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން ކޮންމެ މަހަކު އެއްފަހަރު ޢާންމުކުރާ އެފަރާތުގެ "މަންތްލީ އިކޮނޮމިކް ރިވިއު" އަކީ ބޭނުންތެރި އިޤްތިޞާދީ މަޢުލޫމާތުތަކެއް ހާމަކޮށްދޭ އެއްޗެއްކަމުގައި ބެލެވުނެވެ. ނަމަވެސް މިކަން މާޒީގެ ތެރެއަށް ގޮސް ނިމެން އުޅޭކަމުގެ ބޮކިތައް ދިއްލޭހެން ހީވާން ފަށައިފިއެވެ. މިގޮތުން 2009 ގެ ޖެނުއަރީން މެއި މަހާއި ހަމައަށް ކޮންމެ މަހަކު ޢާންމުކޮށްފައިވާ މަންތްލީ އިކޮނޮމިކް ރިވިއުގެ އަދަދުތަކުގައިވާ މަޢުލޫމާތަށް ބަލައިލާއިރު، 2009 ގެ ޖެނުއަރީން އޭޕްރީލް މަހާއި ހަމައަށް ސަރުކާރުގެ އާމްދަނީއާއި ޚަރަދުތައް ހުރިގޮތް ހާމަކޮށްފައިވީ ނަމަވެސް، އެމްއެމްއޭ އިން 2009 ގެ ޖޫން މަހުގެ އަދަދު (މަންތްލީ އިކޮނޮމިކް ރިވިއު، ވޮލިއުމް III، ނަންބަރު 6) ގައި 2009 ގެ މެއި މަހުގެ މިދެންނެވި މަޢުލޫމާތު ހިމަނާފައެއް ނުވެއެވެ.

މިގޮތަށް އެމަޢުލޫމާތު ހިފެހެއްޓި ސަބަބަކީ ކޮބައިބާވައެވެ؟ ވަކިފަރާތެއްގެ ފިއްތުމެއް އޮވެގެން އެކަން އެގޮތަށް ކުރިނަމަ އެއީ ވަރަށް ދެރަކަމެކެވެ. އެހެންނަމަ އެއީ އެމްއެމްއޭ ގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. ނޫނީ އެމަޢުލޫމާތު ނުހިމެނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެމަޢުލޫމާތު ނުލިބިގެންބާއެވެ؟ މަޢުލޫމާތު ނުލިބޭތީ މަޢުލޫމާތު ނުހިމެނިނަމަ އެކަން ބަޔާންކުރިނަމަ، މިކަމުގައި މިއުފެދޭފަދަ ސުވާލުތައް ހަމަގައިމުވެސް މަދުވީހެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން 2009 ވަނަ އަހަރަށް ހުށަހެޅުނު ބަޖެޓުގެ ޖުމްލަ ޑެފިސިޓް 4.8 ބިލިއަން ރުފިޔާ (ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑު – ޖީޑީޕީ – ގެ 27 ޕަސެންޓް) އަށް އަރާނެކަމަށް އަންދާޒާކޮށްފައިވެއެވެ. މިއަންދާޒާ ބިނާކޮށްފައިވަނީ ސަރުކާރަށްލިބޭ ޖުމްލަ އާމްދަނީ 28 ޕަސެންޓަށް ދަށްވެ، ޖުމްލަ ޚަރަދު 1.9 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް ބަލައިގެންނެވެ. އާމްދަނީ ދަށަށްދާނެކަމަށް ލަފާކޮށްފައިވާ މައިގަނޑު ސަބަބުތަކަކީ އިމްޕޯޓް ޑިއުޓީންނާއި ޓޫރިޒަމް ބެޑް ޓެކްސް އިންލިބޭނެ މިންވަރު ދަށަށް ދިއުން ކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި މިދެންނެވި ޑެފިސިޓް ގެ 70 ޕަސެންޓް ފައިނޭންސް ކުރުމަށް ހުށަހެޅިފައިވަނީ ބޭރުގެ އެހީންނެވެ. އަދި އަނެއް 30 ޕަސެންޓް ފައިނޭންސް ކުރުމަށް ހުށަހަޅާފައިވަނީ އަލަށް ތަޢާރަފްކުރާ އާމްދަނީ އިތުރުކުރެވޭނެ ފިޔަވަޅުތަކުންކަމުގައި ފާހަގަކޮށްފައިވެއެވެ. މިއީ ލަފާކޮށްފައިވާ ގޮތެވެ. ކަންހިނގާފައިވާ ގޮތަކީ ކޮބައިބާއެވެ؟

2009 ގެ ޖެނުއަރީން އޭޕްރީލް މަހުގެ (އަހަރުގެ ފުރަތަމަ ހަތަރު މަހުގެ) ހިސާބުތަކަށް ބަލައިލާއިރު، އެހަތަރު މަހު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީއަކީ 1,589.3 މިލިއަން ރުފިޔާއެވެ. އަދި އެ ހަތަރު މަހުގެ ޖުމްލަ ޚަރަދަކީ 3,489.8 މިލިއަން ރުފިޔާއެވެ. އެހެންކަމުން 2009 ޖެނުއަރީން މެއި މަހުގެ ނިޔަލަށް ސަރުކާރުގެ ކޭޝް ފްލޯ ޙާލަތު 1,223.3 މިލިއަން ރުފިޔާގެ ދަރަނިވެރި ޙާލަތަކަށް ގޮސްފައިވެއެވެ. މިޑެފިސިޓް ފޫބައްދާފައިވަނީ ބަޖެޓް ހުށަހެޅިއިރު ހާމަކޮށްފައިވާ ގޮތަށް ބޭރުގެ އެހީ ލިބޭއެއްޗަކުންނާއި އާމްދަނީ އިތުރުކުރެވޭނެ އައު ކަންކަން ތަޢާރަފްކޮށްގެން ކަމަކަށް އަދި އެއްވެސް ކަމާބެހޭ ފަރާތަކުން މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމަށް ވަންޏާ މިޑެފިސިޓް ފައިނޭންސްކުރީ ރުފިޔާ ޗާޕްކޮށްގެންކަން ކަށަވަރުވެއެވެ. 1.2 ބިލިއަން ރުފިޔާ ޗާޕްކޮށް ސަރުކާރުގެ ޑެފިސިޓް ފައިނޭންސް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި މައްސަލަތަކެއް ކުރިވެފައިވާއިރު އެކަންކަން ޙައްލުކުރުމަށް އެމްއެމްއޭ އާއި ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭބާވައެވެ. އަދި އެފަދަ ފިޔަވަޅެއް އަޅާފައިވާނަމަ އެމަޢުލޫމާތެއް ޢާންމުންނާ ހަމައަށްވެސް ރައްދުކޮށް ދިނުމަކީ ޒިންމާދާރު ގޮތެެއްކަމުގައި ދެކެމެވެ.

އެމްއެމްއޭ ގެ މަންތްލީ އިކޮނޮމިކް ރިވިއު ޖޫން 2009 ގެ އަދަދުގައި 2009 މެއި މަހު ސަރުކާރުގެ އާމްދަނީއާއި ޚަރަދުތައް ހާމަނުކޮށް ހިމަނާފައިވަނީ ޚިޔާލީ ތަސައްވުރެކެވެ. މިގޮތުން 2009 ގެ ބަޖެޓްގެ ޑެފިސިޓް ޖީޑީޕީގެ 27 ޕަސެންޓުން 7 ޕަސެންޓަށް ދަށްވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ ލަފާކުރި އާމްދަނީ 21 ޕަސެންޓަށް ދަށްވެ، ޚަރަދު 16 ޕަސެންޓަށް އިތުރުވިޔަސް، ޖުމްލަގޮތެއްގައި އާމްދަނީއަށް 33 ޕަސެންޓްގެ އިތުރުވުމެއް އަންނާނެކަމަށް ލަފާކުރެވޭތީކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އާމްދަނީއަށް އެންމެ ބޮޑު ދިރުމެއް ގެނެސްދޭނެކަމަކީ ރާވާފައިވާ ޕްރައިވެޓައިޒޭޝަންގެ މަސައްކަތުން ލިބޭ އާމްދަނީން ކަމުގައި ބަޔާންކޮށްފައިވެއެވެ. މިއީ ކިހާވަރެއްގެ ޙަޤީޤަތެއް އެކުލެވޭކަމެއްކަން އެނގޭނެ ގޮތެއްނެތެވެ. ނަމަވެސް ދަންނަވާލަންޖެހޭ އެއް ވާހަކައަކީ ސަރުކާރުގެ ޕްރައިވެޓައިޒޭޝަން ސިޔާސަތަކީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އޮތް ފުރުސަތަކަށްވުރެ، އިޤްތިޞާދީ ސުނާމީއެއް ކުރިމަތިވުމަށް މަގުފަހިކޮށްދޭ ސިޔާސަތަކަށްވާކަމެވެ.

Wednesday, June 17, 2009

12

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 6 ވަނަ މާއްދާވެސް އިސްލާޙްކުރަމާ

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 6 ވަނަ މާއްދާގައިވަނީ "... އެޑްވެލޮރަމް ޑިއުޓީ ދައްކަންޖެހޭ މުދަލަށް ޑިއުޓީ ދެއްކުމުގައި މުދަލުގެ އަގުކަމަށް ބަލާނީ، އިންޝުއަރކޮށްގެން ގެންނަ މުދަލަށް އެ މުދަލުގެ ސީ.އައި.އެފް އަގެވެ. އިންޝުއަރ ނުކޮށް ގެންނަ މުދަލަށް އެމުދަލެއްގެ ސީ.އެންޑް.އެފް. އަގެވެ." މިހެންނެވެ.

މިގޮތަށް އިމްޕޯޓް ޑިއުޓީ ނެގުމަކީ ބާޒާރުގައި މުދަލުގެ އަގު ބޮޑުވާން ދިމާވާ އެއްސަބުބުކަމުގައި ދެކެމެވެ. އެހެނީ މިސަރަހައްދުގެ ހުރިހާ ޤައުމަކަށް ބެލިއަށް، ދިވެހިރާއްޖެއަކީ މުދާ އިމްޕޯޓް ކުރުމަށްޓަކައި ހޭދަކުރަންޖެހޭ 'ފްރައިޓް' ނުވަތަ ނާލުގެ އަގު އެންމެ ބޮޑު ޤައުމުކަމަށްވާތިއެވެ. މިކަންމިހެން ދިމާވާ އެއްސަބަބަކީ މުދާ އުފުލާ ބޯޓްތަކުން ރާއްޖެއަށް މުދާ ގެނެސް އަނބުރާ ދާންޖެހެނީ ގާތްގަނޑަކަށް މުޅިންހެން ހުސްއަތާ ކަމަށްވާތީ، ޝިޕިންގ ލައިންތަކުން ރާއްޖެއަށް ނާލު ކަނޑައެޅުމުގައި ބޯޓް އަނބުރާ ދިއުމުގެ ޚަރަދުވެސް ރާއްޖެ ގެންނަ މުދަލުގެ ނާލުގެ ތެރޭގައި ހިމަނަން އެފަރާތްތަކަށް މަޖުބޫރުވާތީއެވެ.

އަދި މިގޮތަށް ސީ.އެންޑް.އެފް ނުވަތަ ސީ.އައި.އެފް އަގަށް (މުދަލުގެ އަގުގެ ތެރޭގައި ނާލު ހިމެނުމުންޖެހޭ އަގަށް) ބިނާކޮށް އިމްޕޯޓް ޑިއުޓީއަށް ނަގާ އަގު ކަނޑައެޅުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެންދާ ވަގުތުތަކުގައި ޝިޕިންގް ލައިންތަކުން ނާލު ބޮޑުކުރުމުން ރާއްޖޭގެ ބާޒާރުގައި ހަމައެކަނި އަގު ބޮޑުވެގެންދަނީ ތެލުގެ އަގެއް ނޫނެވެ. ރާއްޖެއަށް އިމްޕޯޓްކުރާ އެހެން ހުރިހާ މުދަލަކަށް މިކަމުގެ ސީދާ އަސަރުކުރާގޮތް މެދުވެރިވެއެވެ.

އެހެންކަމުން، އިމްޕޯޓް ޑިއުޓީ ނެގުމުގައި އެފް.އޯ.ބީ (ތަކެތީގެ އަގާއި، ބަނދަރުގައި، ނުވަތަ ވައިގެ ބަނދަރުގައި އޮތް އުޅަނދަކަށް އެތަކެތި އެރުވުމާ ހަމައަށް ހިނގި ޚަރަދު) އަގަކީ މުދަލަށް ޑިއުޓީ ދައްކަންޖެހޭ އަގުކަމުގައި ބަލާގޮތަށް ހަމަޖެހިއްޖެނަމަ ރާއްޖެއަށް އެތެރެކުރެވޭ ހުރިހާ މުދަލަކަށްވެސް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ އަގު ކުޑަވެގެންދާނެއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށްދާ ކޮންމެ ދަނޑިވަޅެއްގައި އެހެނިހެން މުދަލުގެ ބާވަތްތައް ހަމައެނިސްބަތުން ބޮޑުވެގެން ދިއުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިގެންދާނެކަމަށް ދެކެމެވެ.

ވީމާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާޙް ގެނެވޭއިރު މިޤާނޫނުގެ 6 ވަނަ މާއްދާއަށް އިސްވެދެންނެވި އިސްލާޙް ގެންނެވުމަށް ވިސްނެވުމަކީ ހެޔޮ ބަދަލަކަށްވާނެ ކަމެއްކަމުގައި އަޅުގަނޑަށް އުއްމީދުކުރެވެއެވެ.

Sunday, June 14, 2009

11

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު (ޤާނޫނު ނަންބަރު 79/31) އިސްލާޙްކުރުން

ހުށަހެޅިފައިވާ ބިލުގެ މަޤްޞަދާ މެދު ދެކޭގޮތް

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ހުށަހެޅޭއިރު އެންމެ އިސްކަމެއްގެ ގޮތުގައި ބަލައިލަން ބޭނުންވާ އެއްކަމަކީ، އެކަމެއް ހުށަހެޅޭ މަޤްޞަދު ޙާޞިލުކުރެވޭ މިންވަރެވެ. މިބިލް ހުށަހެޅުއްވުމުގެ މަޤްޞަދު ކަމުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި ދިރިއުޅުމުގެ އަގު ދުވަހެއް ދުވަހަކަށް މަތިވަމުންދާތީއާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާތީ، މިހާރުން މިހާރަށްވެސް ހޯދެންހުރި ޙައްލު ހޯދުމުގެ ގޮތުން،

  1. ކާބޯތަކެތީގެ އަގު އަތް ފޯރާ މިންވަރަށް ތިރިކުރުމާއި،
  2. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި،
  3. މަސްވެރިކަމާއި، ދަނޑުވެރިކަމާއި ދަތުރުފަތުރާއި އިޤްތިޞާދީ ޙަރަކާތްތަކަށް މަގުފަހިކޮށްދިނުމެވެ.

މަތީގައި ބަޔާންކުރެނު މަޤްޞަދުތައް ޙާޞިލުވުމަކީ ހަމަޔަޤީނުންވެސް ހެޔޮ އަދި ފައިދާހުރި ބަދަލުތަކެއް ރައްޔިތުންނަށް ލިބިގެންދާނެކަމެއް ކަމުގައި ޔަޤީނެވެ. މިގޮތުން ހުށަހެޅިފައިވާ އިސްލާޙްތަކުގެ ސަބަބުން އެމަޤްޞަދުތައް ޙާޞިލުވަނީ ކިހާ މިންވަރަކަން ދޭހަކޮށްދޭ ދިރާސާއެއް މިބިލާއެކު ހުށަހެޅިފައި އޮތުމުގެ މުހިންމުކަން ފާހަގަކޮށްލަންޖެހެއެވެ.

އިސްވެދެންނެވިފަދަ ދިރާސާއެއްގައި ފާއިތުވި ދެއެއް ނުވަތަ ތިން އަހަރުގެ ތެރޭގައި ކާބޯތަކެތީގެ ބައެއް މުހިންމު ބާވަތްތަކުގެ އަގު ހުރި މިންވަރާއި، މިތަކެތީގެ އިމްޕޯޓް ޑިއުޓީއަށް ސަރުކާރުން ލިބެމުންދިޔަ އާމްދަނީއާއި، ހުށަހަޅާފައިވާ މިންވަރަށް އިމްޕޯޓް ޑިއުޓީ ކުޑަކުރުމުން އަގުތަކަށް އަންނާނެ ނުވަތަ އަންނަންޖެހޭނެކަމަށް އަންދާޒާކުރެވޭ ހެޔޮބަދަލުތައް ހިމެނެންވާނެއެވެ. އަދި އަތް ފޯރާ މިންވަރަށް އަގުތައް ތިރިވުން މާނަކުރާގޮތެއްވެސް ވަރަށް ސާފު ބަހުން އެނގެން އޮތުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މިހާރުއޮތް ޙާލަތަކީ ކޮބައިކަމާއި މިބިލުގެ ސަބަބުން ދިރިއުޅުމުގެ ފެންވަރަށް އަންނާނެ ހެޔޮބަދަލުތަކަކީ ކޮބައިކަމާއި، މިބިލުގެ ސަބަބުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި ދަތުރުފަތުރާއި އިޤްތިޞާދީ ޙަރަކާތްތަކަށް މަގުފަހިވެގެންދާނީ ކޮންކޮން ކަންތައްތަކެއްކަންވެސް ބަޔާންކުރެވިފައި އޮންނަންވާނެކަމުގައި ދެކެމެވެ.

މިފަދަ ދިރާސާއެއްގެ ވާހަކަ މިދެކެވެނީ މިބިލުގެ މަޤްޞަދުތަކުގެ ތެރޭގައި މާނަ އަރާރުންވާފަދަ ބައެއް ކަންކަން ހުރިކަމަށްވެސް ފާހަގަކުރެވޭތީއެވެ. މިސާލަކަށް،

  • ދަނޑުވެރިކަމަށް މަގުފަހިކޮށްދިނުން އެއީ މަޤްޞަދެއްގެ ގޮތުގައި ހިމެނޭއިރު، ތަރުކާރީއާއި މޭވާގެ ބާވަތްތަކަށް އިމްޕޯޓް ޑިއުޓީ ދައްކަންނުޖެހޭ ގޮތަށް ހަމަޖެއްސުމުން، އިމްޕޯޓްކުރެވޭ މިބާވަތުގެ ތަކެތި ބާޒާރުން ލިބެން ހުންނަ އަގުތިރިވި ނަމަވެސް، ރާއްޖޭގައި މޭވާއާއި ތަރުކާރީ ހައްދާ ފަރާތްތަކަށް ހީނަރުކަމެއް ލިބިގެން ހިގައިދާނެކަމަށް ވިސްނެއެވެ.
  • ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން، އެއީ މަޤްޞަދެއްކަމުގައި ބަޔާންކޮށްފައިވާއިރު، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމަކީ ކާބޯތަކެތި ބާޒާރުން ގަންނަން ލިބެންހުރި އަގެއް މައްޗަށް އެކަނި ބިނާވެފައިވާކަމެއް ނޫނެވެ. ދިރިއުޅުމުުގެ ފެންވަރު ރަނގަޅުވުމުގެ ތެރޭގައި އެހެނިހެން އަސާސީ ޚިދްމަތްތަައް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ލިބެންހުންނަ ފެންވަރާއި މިންވަރުވެސް ހިމެނޭނެކަން ޔަޤީނެވެ. އެހެން އެކަންއޮތްއިރު، ސަރުކާރަށް ލިބޭ އާމްދަނީއަކުން އުނިވާ މިންވަރެއްގެ އަންދާޒާއެއް އެނގުމުގެ މުހިންމުކަން އިތުރުވެގެންދެއެވެ.
  • މިހެން މިދެންނެވީ، ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ އެހެންގޮތްތަކެއް ޢާންމުކޮށް އަންގައިދެވިފައިނުވާއިރު، ސަރުކާރަށްލިބެމުންދިޔަ އާމްދަނީ އެއް އުނިކޮށްލުމުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ނުވަތަ ފަހިކޮށްދޭންޖެހޭ ކަންކަން ކުރުމަށް ފައިސާނެތިއްޖެނަމަ އެކަމުގެ ޒިންމާ ނަގާނީ ރައްޔިތުންގެ މަޖިލީހުންތޯއެވެ؟ ނުވަތަ ސަރުކާރުންތޯއެވެ؟ އަދި ކޮންމެ ފަރާތަކުން ޒިންމާ ނެންގެވި ނަމަވެސް ރައްޔިތުން ތިބޭނީ އެޚިދްމަތަކުން ނުވަތަ ޚިދްމަތްތަކުން ލިބެންޖެހޭ ފޮނިމީރުކަން ނުލިބިފައެވެ.

އެހެންކަމުން ކޮންމެކަމެއް ނިންމާއިރުވެސް އެކަމެއްގެ ސަބަބުން ކުރާނެ އަސަރުތަކެއްގެ ފުރިހަމަ މަޢުލޫމާތާއެކު ނުނީ ކަމެއް ނިންމުމަކީ ބުއްދިވެރި ގޮތަކަށް ނުވާނެކަން ޔަޤީނެވެ. މިބިލުގައިވާ އެހެނިހެން ކަންކަމާމެދު އަޅުގަނޑުގެ ޚިޔާލުހުރިގޮތް ކުރިއަށް ހުރި ލިއުންތަކުގައި ފާހަގަކޮށްލުމަށް އުއްމީދުކުރަމުން މިލިއުން މިވަގުތަށް ކުރުކޮށްލާނަމަވެ.

Friday, June 12, 2009

10

ޤައުމީ ތަރައްޤީ - އެންމެންގެ ޒިންމާއެއް

ދިވެހިރާއްޖެއަކީ ޒަމާނީ ޑިމޮކްރެސީއެއް ތަޢާރަފްކުރެވި އޭގެ ފޮނިމީރުކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ޤައުމެކެވެ. މިގޮތުން އަލަށް އެކުލަވާލައި ޢަމަލުކުރަން ފަށާފައިވާ ޤާނޫނު އަސާސީގެ ދަށުން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްޤުތަކާމެދު ހިތްހަމަޖެހުން ފާޅުކުރެވިގެންދާއިރު، މުޖްތަމަޢު އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކުރާ ޒިންމާތަކުގެ މަތިން ހަދާންނައްތާލައިގެން ނުވާނެއެވެ. މިދެންނެވި ޒިންމާތައް ފުރިހަމަގޮތުގައި އަދާކުރުމަކީ ރާއްޖޭގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ސިފައެކެވެ. އެހެންނަމަވެސް، ރަނގަޅު އިޤްތިޞާދީ ވިސްނުމާއި ފިކުރަށްވުރެ ތަފާތު ސިޔާސީ ބަހަނާތައް ކުރިއެރުވުމަށް މަސައްކަތްކުރެވޭތަން ފެންނަމުންދާކަމީ ހިތާމަވެރިކަމެކެވެ. އެހެންކަމުން މިފަދަ ފައިދާއެއްނެތް ކަންކަމަށް އިސްކަންދިނުމުގެ ބަދަލުގައި، ހެޔޮބަދަލަކަށް އެދި އަޅުގަނޑުމެން މަސައްކަތްކުރަންވީ، ބިނާކުރަނިވި ރަނގަޅު އިޤްތިޞާދީ ވިސްނުމަށާއި ފިކުރަށް ފުރަސަތު ފަހިކޮށްދޭފަދަ ސިޔާސަތުތައް ކުރިއެރުވުމަށެވެ. އެއީ އަޅުނޑުމެން އެންމެންގެ ޒިންމާއަކަށް ހަދަމާހެއްޔެވެ؟



ޤައުމީ ތަރައްޤީ މިނެކިރުމަށް ބޭނުންކުރާ ތަފާތު މިންގަނޑުތަކުން ބަލާއިރު އަޅުގަނޑުމެންގެ މިދިވެހިރާއްޖެއަކީ ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އޮތް އެންމެ ކާމިޔާބު އެއްޤައުމެވެ. މިކާމިޔާބީއާއި ކުރިއެރުމުގެ ފުރިހަމަ ބޭނުންކޮށް ރާއްޖެއަކީ ފާގަތި، އުފާވެރި، އަމާން، ދިރިއުޅުމެއް ފަހިވެފައިވާ ޤައުމެއްގެ ގޮތުގައި ދަމަހައްޓައި، އަންނާންއޮތް ޖީލުތަކަށް މިގޮތުގައި މިޤައުމު ފޯރުކޮށްދިނުމަށްޓަކައި އެކުވެރިވެ އެއްބައެއްވަންތަކަމާއެކު އެއްއަމާޒަކަށް މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން އެންމެން ވާންޖެހެއެވެ. ޤައުމީ ތަރައްޤީއަށްޓަކައި ބޭނުންވަނީ އެއްބައިވަންތަ އެކުވެރި ބައެއް ދިރިއުޅޭ ދިވެހިރާއްޖެއެކެވެ. މިވިސްނުމުގައި މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.

ވިސްނާށޭ، ދިވެހި ޤައުމަށްޓަކައި! ހެޔޮ ބަދަލުގެނެވޭނީ އެންމެން އެއްބާރުލައި އެކުވެރިވެގެންނެވެ.

Friday, June 05, 2009

9

ދައުލަތް ހިންގުމުގެ ނިޒާމް



ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ހިންގުން ބިނާކުރާނީ ރިޔާސީ ނިޒާމެއްގެ މައްޗަށްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްގެ މައްޗަށްތޯ ބެލުމަށް 18 އޯގަސްޓް 2007 ގައި ނެގި ވޯޓުގައި، ވޯޓްލުމުގެ ޙައްޤު ލިބިފައިވާ އާބާދީގެ 77 ޕަސެންޓް (ގާތްގަނޑަކަށް 150,000 މީހުން) އަށް ވުރެ ބޮޑު އާބާދީއެއް ބައިވެރިވެފައިވެއެވެ. އެވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ރިޔާސީ ނިޒާމެއް ބޭއްވުމަށް ވޯޓް ދިންއިރު، ބަރުލަމާނީ ނިޒާމެއް ބޭއްވުމަށް ތާއީދުކޮށްފައިވަނީ 38 ޕަސެންޓް މީހުންނެވެ. އަދި އެނަތީޖާއަށް ބަލައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫނު އަސާސީ 2008، އެކުލަވާލާފައިވަނީ ދައުލަތް ހިންގުމުގެ 3 ބާރު (ވެރިކަމުގެ ބާރާއި، ޤާނޫނުހެދުމުގެ ބާރާއި، އަދުލްއިންސާފް ޤާއިމުކުރުމުގެ ބާރު) ރިޔާސީ ނިޒާމެއްގައި އެތުރިފައިވާ އޮންނަޖެހޭނެކަމަށް ޢާންމުކޮށް ޤަބޫލުކުރެވޭ ވިސްނުންތަކުގެ މައްޗަށްކަމުގައި އަޅުގަނޑުމެން އެންމެވެސް ޤަބޫލުކުރަމެވެ.

ނަމަވެސް، ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމަށް ބޮޑު ކެމްޕޭނެއްކުރެވި، ދައުލަތުން ބޮޑު ހޭދައެއް ކުރެވިފައިވާއިރު، 2008 ގައި އަލަށް އެކުލަވާލި ޤާނޫނު އަސާސީގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ހިންގުން ބިނާކުރަންވާނީ ރިޔާސީ ނިޒާމެއްގެ މައްޗަށްކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް އަޅުގަނޑަކަށް އަދި ފެނިފައެއްނުވެއެވެ. އެއީ ފަހަރުގައި އަޅުގަނޑުގެ ކިބައިގައި ހުރި ނާޤާބިލުކަމަކަށްވެސް ވެދާނެއެވެ. ކޮންމެގޮތެއްގައި ނަމަވެސް، އެފަދަ އިޝާރާތެއް ކަނޑައެޅި ބަޔާންވެފައިނެތްކަމީ އެކަމާ ހަމަގައިމުވެސް އަޅުގަނޑު ހިތާމަކުރާކަމެކެވެ.

Saturday, May 30, 2009

8

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަކީ ރަނގަޅުކަމެއްބާ؟



ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް 62،500 ރުފިޔާއިން 37،000 ރުފިޔާއަށް ކުޑަކުރުމަށް ފެނިވަޑައިގަންނަވާކަމަށް ހދ.ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޛް މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައިގަނޑު ސަބަބެއްކަމަށް، ހަވީރު ނޫހުގައި މިކަމާބެހޭގޮތުން ލިއުއްވާފައިވާ ޚަބަރެއްގައިވަނީ، މިހާރު ދޭ މުސާރައާއި އިނާޔަތްތަކަކީ ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު ބޮޑު އަދަދެއްކަމަށް ނަޝީދުއަށް ފެނިވަޑައިގަންނަވާކަމަށް އޭނާގެ އޮފީހުން ނެރުއްވާފައިވާ ނޫސްބަޔާނެއްގައިވާ ކަމަށެވެ.


ރާއްޖޭގެ މިހާރުގެ ޙާލަތުގެ ޙަޤީޤީ މަނާއަކީ ކޮބައިބާވައެވެ؟ އެއީ ރާއްޖޭގެ މާލީ ހާލަތުގެ ވާހަކަތޯއެވެ؟ ނޫނީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދު ހަމަޖެއްސެންނެތް ޙާލަތުތޯއެވެ؟ ނޫނީ ދައުލަތަށްލިބޭ އާމްދަނީ އިތުރުކުރެވޭ އާ ގޮތްތަކެއް ނުވިސްނޭފަދަ ނުވަތަ ވިސްނުނަސް އެކަންކަމަށް ޢަމަލީ ސިފައެއް ނުގެނެވޭނެ ޙާލަތެއްގައި އަޅުގަނޑުމެން ތިބީތޯއެވެ؟ ނޫނީ މީގެކުރިން ވަކިބަޔަކަށް ލިބުނު މުސާރައާއި އިނާޔަތްތައް މިހާރުގެ މަޖިލީހުގެ މެމްބަރުންނަށް ލިބިގެންނުވާނެކަމަށް ފެނިވަޑައިގަންނަވަނީތޯއެވެ؟ މިސުވާލުތަކަކީ މިބިލާމެދު ބަހުސް ކުރެވޭއިރު މަޖިލީހުގެ ތެރެއިން ޖަވާބު ލިބިގެން ހިނގައިދޭނެ ސުވާލުތަކަށް ފަހަރުގައި ވެދާނެއެވެ. ބަލަން ތިބެމާ ހެއްޔެވެ؟


ހުށަހަޅާފައިވާ ގޮތަށް މުސާރައާއި އިނާޔަތްތައް މިހާރު ހުރި މިންވަރުން 41 ޕަސެންޓަށް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފިނަމަ، އެބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް މަހަކަށް 1.9 މިލިއަން ރުފިޔާގެ ލުޔެއް ލިބިގެންދާނެއެވެ. އަދި އަހަރުގެ ބާކީއޮތް 7 މަސްދުވަހަށް 13.7 މިލިއަން ރުފިޔާ، ނުވަތަ ގާތްގަޑަކަށް 1 މިލިއަން ޔޫއެސް ޑޮލަރު ބަޖެޓުގެ ޚަރަދުގެ ތެރެއިން ސަލާމަތްކުރެވިގެންދާނެއެވެ. އަހަރަކަށް ބަލާއިރު ޚަރަދުން އުނިކުރެވޭނެ ޖުމްލަ އަދަދަކަށްވަނީ 23.56 މިލިއަން ރުފިޔާ ނުވަތަ 1.83 މިލިއަން ޔޫއެސް ޑޮލަރެވެ. މިގޮތުން ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯއްދަވައި ދެއްވުމަކީ މިހުށަހެޅުމުގެ މައިގަނޑު އެއްވިސްނުން ކަމުގައިވާނަމަ، ހިސާބުތައް ދައްކާގޮތަށް ބަލައި، ދެންހުރި އެހެން ކަންކަން އެއީ ވިސްނަންނުޖެހޭ ކަންކަމަށްވާނަމަ މިއީ ވަރަށް ރަނގަޅު ހުށަހެޅުމެއްކަމަށް ފެނެއެވެ.


ނަމަވެސް، އުފެދޭ އަނެއް ސުވާލަކީ، މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތް މިހާރުއޮތް މިންވަރުގައި ބޭއްވުމަށް މެމްބަރަކު މަޖިލީހުގައި ވާހަކަ ދައްކަވާ ދެއްކެވުންވާނީ، އެމެމްބަރެއްގެ އަމިއްލަ މަސްލަހަތަށް ވިސްނަވަނީ ކަމަށްބާއެވެ؟ ވިސްނާލުން ރަނގަޅު ނުވަތަ ބަހުސްކޮށްލަން ރަނގަޅު ވާހަކައެވެ. އެހެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ހޮވިވަޑައިގެންފައިވާ މެމްބަރުންގެ ތެރޭގައި މަޖިލީހުން މުސާރައެއް ނުލިބުނަސް އަމިއްލަ ދިރިއުޅުއްވުމުގެ ކަންތައްތަކާއި، އެމެމްބަރަކު ތަމްސީލްކުރައްވާ ދާއިރާއެއްގެ ރައްޔިތުންނަށް ޚިދްމަތް ދެއްވުމަށް ހަމަޖައްސަވަންޖެހޭ އިދާރީ އިންތިޒާމުތަކާއި، އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވަން ޖެހިއްޖެ ހިނދެއްގައި އެކަމެއްވެސް އެއްވެސް ބުރަކަމެއްނެތި ހަމަޖައްސަވައި ދެއްވިދާނެފަދަ ތަނަވަސްކަންހުރި މެމްބަރުންތަކެއްވެސް ތިއްބެވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް، މަޖިލީހުގެ ހުރިހާ މެމްބަރުންނަކީ މިފަދަ ތަނަވަސްކަންހުރި ބަޔަކަށް ނުވުމަކީ ވަރަށް ގާތުގައިވާ ކަމެއްކަމަށް ފެނެއެވެ. އެކަމަކު، މިދެންނެވިފަދަ އަމިއްލަ ތަނަވަސްކަންހުރި މެމްބަރުންނާއި އެނޫން ފަރާތްތައް ވަކިކުރާނީ ކިހިނެއްބާއެވެ؟ އަދި ވަކިކުރެވުނަސް ތަފާތު މުސާރައެއް ތަފާތު މެމްބަރުންނަށް ކަނޑައެޅުމަކީ ކިހާ ބުއްދިވެރިކަމެއްތޯ، ނުވަތަ އިންސާފުވެރިގޮތަކަށް ވެދާނެބާއޭ ހިތަށް އަރައެވެ.


މިކަމުގައި އަޅުގަނޑު ދެކޭގޮތުގައި އެންމެ އިސްކަމެއް ދޭންޖެހޭކަމަކީ، މުއްސަދީންގެ ޖީބުތަކަށް، ނުވަތަ ނޫފުޒު ފޯރުވަފާނެ ބަޔެއްގެ އަތްމައްޗަށް ވެއްޓެންޖެހިދާނެ ބަޔަކަށް މަޖިލީހުގެ މެމްބަރުން ނުވާނެގޮތެއް ވުމެވެ. 62،500 ރުފިޔާއަށް މުސާރައާއި އިނާޔަތްތައް ބޮޑުކުރެއްވުމުގައި ގެންގުޅުއްވި މައިގަނޑު އެއްވިސްނުމަކީ މިއީކަމަށްވެސް ފަހަރުގައި ވެދާނެއެވެ.


މުސާރަ ކުޑަކުރުމަކީ އެއްވެސް ޙާލެއްގައި ގޯސްކަމެކޭ އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް މިކަން މިގޮތަށް ކުރުމުގައި ވިސްނާލަންޖެހޭ ކަންތައްތަކެއް ވާކަމަކީ އަޅުގަނޑު ހަމަގައިމުވެސް ދެބަސްވާނެކަމެއްނޫނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އިނާތްތަކާމެދު ވިސްނަވާއިރު، އެހެން ފަރާތްތަކުގެ މުސާރައަށްވެސް ބަދަލުތަކެއް ގެންނަންޖެހޭތޯ (ކުޑަކުރަން ނުވަތަ ބޮޑުކުރަން) ބަހުސްކުރެވޭނެކަން ޔަޤީންނެވެ. އެނގިދާނެތާއެވެ. މަޖިލީހުގެ ނިންމެވުން ބަލަންތިބެމާހެވެ. ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް އަޅުގަނޑު ދެކޭނީ އެނިންމެވުމަކީ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެއްވެސް މެމްބަރަކު އެމެމްބަރެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް ނުވިސްނަވާ، ޤައުމީ މަސްލަހަތަށާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދެއްވައިގެން ނިންމަވާ ނިންމެވުމަކަށެވެ.

Friday, May 29, 2009

7

ރައްޔިތުންގެ މަޖިލީހާމެދު ކުރެވޭ އުއްމީދު

2008 ގެ އޯގަސްޓްގައި ޢަމަލުކުރަން ފެށި އާ ޤާނޫނު އަސަސީ ގެ ދަށުން އަލަށް އިންތިހާބު ކުރެވުނު ރައްޔިތުންގެ މަޖިލިހަކީ އެންމެހާ ދިވެހި ރައްޔިތުންނަށް ފައިދާއާއި މަންފާ ގެނެސްދިނުމަށް މަސައްކަތްކުރައްވާނެ މަޖިލިހަކަށް ވެގެންދާނެކަމަށް އެންމެހާ ދިވެހީންވެސް އުއްމީދު ކުރައްވާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. އާޤާނޫނު އަސަސީގެ ދަށުން ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވެ ވަޑައިގެންނެވި މެމްބަރުން ކުރެއްވި ހުވާ މިކަމަށް ލާޒިމުކުރެއެވެ. އެހެނީ ހުވާގައިވަނީ، "އަހުރެން ..... އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށާއި، ދިވެހި ޤައުމަށް އިޚްލާސްތެރިވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން އަހުރެން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ." މިފަދައިންނެވެ.

ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އަދި ޤާނޫނު ހެދުމުގެ ޢާންމު ބާރުތަކުގެ ތެރޭގައި ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުންވެސް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލާޒިމުކުރެއެވެ. އެހެންކަމުން ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭނެ ކަންކަމަށް ބާރުއަޅައި އެފަދަ ކަންކަން ތަންފީޒުކުރުމަށް ސަރުކާރަށް ވާގިވެރިވުމާއި، ރައްޔިތުންގެ ޚިލާޔާއި މަޝްވަރާ ރައްޔިތުންގެ މަޖިލީހުގައި އިއްވުމުގެ މެދުވެރިންނަަށް ރައްޔިިތުން މަޖިލިހުގެ މެމްބަރުން ވާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެވެއެވެ. ޖުމްލަގޮތެއްގައި ދަންނަވަނީނަމަ ޤައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން މަސައްކަތްކުރައްވާނެކަމުގެ އުއްމީދު ދިވެހި ރައްޔިތުން ކުރައްވައެވެ.

މިގޮތުން ކޮންމެކަމެއް ނިންމެވުމުގައިވެސް އަމިއްލަ މަސްލަހަތާއި ސިޔާސީ ގޮތުން ނިސްބަތްވާ ޕާޓީއެއްގެ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތަށް އިސްކަންދެއްވާނެކަމަށް އުއްމީދުކުރެވެއެވެ. ވަކިމީހެއްގެ ނުވަތަ ވަކިޕާޓިއެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް ލިބިފައިވާ މަޤާމްގެ ނުފޫޒުބޭނުން ނުކުރައްވާނެކަމަށް އުއްމީދުކުރެވެއެވެ. އަދި އިންތިހާބުވީ ދާއިރާތައް ތަމްސީލުކުރެއްވުމުގައި، މުޅި ޤައުމަށާއި ހުރިހައި ރައްޔިތުންގެ ލާބައާއި މަންފާއަށް ރިޢާޔަތްކުރައްވާނެކަމަށް އުއްމީދުކުރެވެއެވެ.

މިކަންކަން މިގޮތުގެމަތިން އަދާކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ބަރާބަރަށް ހާޒިރުވުމަކީވެސް ރައްޔިތުންކުރައްވާނެ ވަރަށްބޮޑު އުއްމީދެކެވެ. މަޖިލީހުގައި ކުރެވޭ ބަހުސްތަކަކީ ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުގެ ނާޖާއިރު ފައިދާއެއް ނެގުމަށް ބޭނުންކުރެވޭ ހަތިޔާރަކަށް ނުހައްދަވާނެކަމަށް އުއްމީދުކުރެވެއެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ސުލޫކީ މިންގަޑުތަކާއި ވާހަކަ ދެއްކެވުމުގެ އަދަބުތައް ހަރުދަނާކުރެއްވުމަށާއި މުޖުތަމަޢުގައި އުފެދިފައިވާ ބައިބައިވުން ނައްތާލުމަށް މަސައްކަތްކުރައްވާނެ މަޖިލީހަކަށްވެގެންދާނެކަމަށްވެސް އުއްމީދުކުރެވެއެވެ.

އަދި މިކަންކަމުގެ އިތުރުން މިހާރު ސަރުކާރު ހިންގަވާ ޕާޓީން ވެފައިވާ ވައުދުތަކާއި އަހުދުތަކުގެ ތެރެއިން ޤައުމަށް ލާބަޔާއި މަންފާހުރި ކަންކަން ރާވައި ހިންގުމަށް ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުންދެއްވާނެ، އަދި އެކަންކަން ތަންފީޒުކުރެއްވުމަށް ސަރުކާރަށް މަޖްބޫރުކުރައްވާނެ މަޖިލީހަކަށްވާނެކަމުގައިވެސް އުއްމީދުކުރެވެއެވެ.

Friday, May 15, 2009

6

ޢާންމު އިންތިހާބުގެ ބައެއް އުސްއަލިތައް (3)

ކެންޑިޑޭޓް ނަންބަރުގެ މުހިންމުކަމެއް ވޭބާ؟

އިންތިހާބެއްގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކުހެން ރަނގަޅު ކެންޑިޑޭޓް ނަންބަރެއް ލިބުމަށް ބޭނުންވާ ވާހަކައަކީ އަބަދުހެންއިވޭ ވާހަކައެކެވެ. މިގޮތުން ވޯޓް ކަރުދާސްކޮޅުގައި ކެންޑިޑޭޓުން ތަރުތީބުކުރުމަށްޓަކައި ބާއްވާ ގުުރުއަތަކީ އެއިންތިހާބެއްގައި ވާދަކުރައްވާ ހަމަކޮންމެ ކެންޑިޑޭޓެއްވެސް ވަރަށް ބޮޑޫ އިސްކަމެއް ދެއްވާކަމެކެވެ. އެކަމުގައި ކޮންމެވެސް ސަބަބުތަކެއް ހުރުމަކީ ވަރަށް އެކަށީގެންވާކަމެކެވެ.

9 މެއި 2009 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހަށް މެމްބަރުން ހޮވުމުގެ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ކެންޑިޑޭޓުންގެ ލިސްޓުގެ އެންމެ ކުރިން ނުވަތަ ލިސްޓްގެ އެންމެ ފަހަތުން ނަންބަރެއް ލިބުމުގެ ބޭނުންތެރިކަން ވަރަށް ބޮޑުކަމުގައި ބުނެވިދާނެއެވެ. މިގޮތުން 2009 ގެ އާންމު އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު:

  • އެންމެ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ ކެންޑިޑޭޓް ނަންބަރު 2 ލިބުނު ފަރާތްތަކަށެވެ. ކެންޑިޑޭޓް ނަންބަރު 2 ލިބުނު 20 ފަރާތަކުން އިންތިހާބުގައި ކާމިޔާބު ކޮށްފައިވެއެވެ.
  • ދެވަނައަށް އެންމެ ރަނގަޅު ކާމިޔާބީއެއް ލިބިފައިވަނީ ލިސްޓްގެ އެންމެ ފުލުގައިވާ ކެންޑިޑޭޓުންނެވެ. ލިސްޓްގެ އެންމެ ފުލުގައިވާ 15 ކެންޑިޑޭޓުން އިންތިހާބު ކާމިޔާބުކޮށްފައިވެއެވެ.
  • ތިންވަނައަށް އެންމެ ރަނގަޅު ކާމިޔާބެއް ލިބުނީ ކެންޑިޑޭޓް ނަންބަރު 1 ލިބުނު ފަރާތްތަކަށެވެ. ނަންބަރު 1 ލިބުނު ފަރާތްތަކުގެ ތެރެއިން 13 ފަރާތަކަށް އިންތިހާބު ކާމިޔާބުކުރެވިފައިވެއެވެ.
  • ދެން އެންމެ ރަނގަޅު ކާމިޔާބެއް ލިބުނީ ނަންބަރު 3 އަދި ލިސްޓްގެ އެންމެފުލުން ދެވަނަ ނަންބަރު ލިބުނު ކެންޑިޑޭޓުންނަށެވެ. ނަންބަރު 3 ލިބުނު ފަރާތްތަކުގެ ތެރެއިން 10 ފަރާތަކަށް، އަދި ލިސްޓްގެ އެންމެފުލުން ދެވަނަ ނަންބަރު ލިބުނު ފަރާތްތަކުގެ ތެރެއިން 9 ފަރާތްތަކަށް އިންތިހާބު ކާމިޔާބު ކުރެވިފައިވެއެވެ.
  • އެންމެ ނާކާމިޔާބު ނަންބަރަކީ ކެންޑިޑޭޓް ނަންބަރު 11، 12 އަދި 13 އެވެ. މިއިން ނަންބަރެއް ލިބުނު އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

Thursday, May 14, 2009

5

ޢާންމު އިންތިހާބުގެ ބައެއް އުސްއަލިތައް (2)

މިިފަހަރުގެ ޢާންމު އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު އެދާއިރާއަކަށް ވޯޓްލީ ފަރާތްތަކުގެ ނިސްބަތުން 1 ޕަސެންޓަށްވުރެ މަދު ވޯޓް ލިބުނު 43 ފަރާތެއް ވެއެވެ. އޭގެތެރޭގައި ހިމެނެނީ އަމިއްލަ ގޮތުން ކުރިމަތިލެއްވި 32 ކެންޑިޑޭޓުންނާއި، ޕާޓީތަކަށް ނިސްބަތްވާ 11 ކެންޑިޑޭޓުންނެވެ.

ޕާޓީތަކަށް ނިސްބަތްވާ 11 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ދިވެހި ޤައުމީ ޕާޓީއަށް ނިސްބަތްވާ 2 ކެންޑިޑޭޓުންނާއި، ޤައުމީ އިއްތިހާދަށް ނިސްބަތްވާ 2 ކެންޑިޑޭޓުންނާއި، އައިޑީޕީއަށް ނިސްބަތްވާ 3 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ 2 ކެންޑިޑޭޓުންނާއި، ޕީއޭ އަށް ނިސްބަތްވާ 2 ކެންޑިޑޭޓުންނެވެ.

އެއްޕަސެންޓަށްވުރެ މަދުން ވޯޓް ލިބުނު ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައަދަދަކަށް ވޯޓް ލިބުނު ކެންޑިޑޭޓަށް ލިބުނީ 22 ވޯޓެވެ. އެންމެ މަދުން ވޯޓްލިބުނު ފަރާތަށް ލިބުނީ 0 (ސުމެއް) ވޯޓެވެ.

4

ޢާންމު އިންތިހާބުގެ ބައެއް އުސްއަލިތައް (1)


9 މެއި 2009 ގައި ބޭއްވުނު ޢާންމު އިންތިހާބުގައި މަޖިލީހުގެ 77 ގޮޑިއަށް، ޖުމްލަ 455 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ޕާޓީތަކަށް ނިސްބަތްވާ 209 ކެންޑިޑޭޓުންނާއި ވަކިޕާޓީއަކަށް ނިސްބަތްނުވާ (މިނިވަން) 246 ކެންޑިޑޭޓުންވެ. މިނިވަން ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެއްވުނީ 13 ގޮޑިއެވެ.

މިފަހަރުގެ އިންތިހާބުގައި އެންމެބޮޑު ނާކާމިޔާނެއް ލިބުނު ޕާޓީތަކަކީ އަދާލަތު ޕާޓީ، ފަޤީރުކަން ނައްތާލާ ޕާޓީ، ޤައުމީ އިއްތިހާދު، އައިޑީޕީ، އެމްއެންސީ، އަދި އެސްއެލްޕީ އެވެ. އެފާޓީތަކަށް ނިސްބަތްވާ 19 ކެންޑިޑޭޓުން ވާދަކުރެއްވިއިރު އެއިން އެއްވެސް ކެންޑިޑޭކަށް ގޮޑިއެއް ލިބޭނެ ގޮތެއް ނުވެއެވެ. މިގޮތުން މި 6 ޕާޓީގެ ކާމިޔާބީގެ ނިސްބަތަކީ ސުމެކެވެ.

މިއިންތިހާބުގައި ވާދަކުރެއްވި އެހެން ޕާޓީތަކަށް ބަލާއިރު،

  • ޖުމްހޫރީ ޕާޓީއިން 17 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، އެޕާޓީއަށް ކާމިޔާބުކުރެއްވުނީ 1 ގޮޑިއެވެ. މިޕާޓީއަށް ލިބުނު ކާމިޔާބީގެ ނިސްބަތަކީ 6 ޕަސެންޓް އަދި ނާކާމިޔާބީގެ ނިސްބަތަކީ 94 ޕަސެންޓެވެ.
  • ދިވެހި ޤައުމީ ޕާޓީއިން 21 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، އެޕާޓީއަށް ކާމިޔާބުކުރެއްވުނީ 2 ގޮޑިއެވެ. މިޕާޓީއަށް ލިބުނު ކާމިޔާބީގެ ނިސްބަތަކީ 10 ޕަސެންޓެވެ. ނާކާމިޔާބީގެ ނިސްބަތަކީ 90 ޕަސެންޓެވެ.
  • އެމްޑީޕީ އިން ވާދަކުރެއްވި ކެންޑިޑޭޓުންގެ އަދަދަކީ 75 އެވެ. ކާމިޔާބު ކުރެއްވި ގޮޑީގެ އަދަދަކީ 26 އެވެ. މިޕާޓީގެ ކާމިޔާބީގެ ނިސްބަތަކީ 35 ޕަސެންޓް، އަދި ނާކާމިޔާބީގެ ނިސްބަތަކީ 65 ޕަސެންޓެވެ.
  • ޕީއޭ އިން 18 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، 7 ގޮޑި ކާމިޔާބު ކުރެއްވިއެވެ. މިޕާޓީއަށް ލިބުނު ކާމިޔާބީގެ ނިސްބަތަކީ 39 ޕަސެންޓެވެ. އަދި ނާކާމިޔާބީގެ ނިސްބަތަކީ 61 ޕަސެންޓެވެ.
  • ޑީއާރޕީ އިން 59 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. ކާމިޔާބު ކުރެއްވި ގޮޑީގެ އަދަދަކީ 28 އެވެ. މިގޮތުން މިޕާޓީއަށް ލިބުނު ކާމިޔާބުގެ ނިސްބަތަކީ 47 ޕަސެންޓެވެ. އަދި ނާކާމިޔާބުގެ ނިސްބަތަކީ 53 ޕަސެންޓެވެ.

Sunday, May 10, 2009

3

ޢާންމު އިންތިހާބުގެ ނަތީޖާ އަދި ވެސް އޮޅުމެއްގެ ތެރޭގައި



ވޯޓުލުމުގެ ވަގުތު ހަމަވުމުގެ ކުޑައިރުކޮޅެއްގެ ކުރިން ރައްޔިތުންގެ ހިތްނުތަނަވެސް ވާކަހަލަ ކަންތައްތަކެއް ހިނގަމުންދިޔައެވެ. އެންމެ ފުރަތަމަ ރޭގަޑު 8 ގައި ވޯޓްލުން ބަންދު ކުރުމަށް ކުރިން ހަމަޖެހިފައިއޮތަސް ވޯޓްފޮށިތައް ބަންދުކުރުމުގެ ވަގުތު ދަންވަރުގެ 1 އާއި ހަމައަށް އިތުރުކުރެވުނެވެ. ދެން އިވުނީ ދަންވަރު 1 އާއި ހަމައަށް ވަގުތު އިތުރުކުރެވުނީ ހަމައެކަނި މައްސަލަތައް ޖެހިފައިވާ ދާއިރާތަކުގެ ވޯޓް ފޮށިތަކަށް ކަމުގައެވެ. އެމައްސަލައަށް ފިނިކަމެއް ނުލިބިވަނިކޮށް ދެން އިވުނީ އަމީނިއްޔާ ސްކޫލްގައި އާ ވޯޓް ފޮއްޓެއް ބެހެއްޓި ވާހަކައެވެ. އޭގެފަހުން އެމައްސަލަތަކަށް ފިނިކަމެއްލިބިފައި ވީނަމަވެސް 10 މެއި 2009 ދުވަހުގެ 11:30 (މިއާޓިކަލް އަޕްލޯޑްކުރެވުނު ގަޑި) އާއި ހަމައަށްވެސް ނަތީޖާތައް ރައްޔިތުންނަށް ޔަޤީންކޮށްދެވޭނެގޮތެއް އިލެކްޝަން ކޮމިޝަނަށް ވަނީ ނުވެފައެވެ.

Saturday, May 09, 2009

2

ތާޢީދު ނުކުރަމޭ ބުނުމުން އެކަމެއްހަޖަމެއް ނުކުރެވޭ


މިފަހަރުގެ ރައްޔިތުންނަށް ކުރިމަތި ލެއްވި ކެންޑިޑޭޓުންގެ ތެރެއިން ބައެއް ކެންޑިޑޭޓުންނަށް ވާގޮތަކީ އެކެންޑިޑޭޓަކަށް ތާޢީދު ނުކުރާކަމަށް މީހަކު ހާމަކޮށްފިނަމަ އެކަން ހަޖަމްކުރުމަށް ނުކުޅެދުމެވެ. މިގޮތުން އެފަދަ ކެންޑިޑޭޓަކަށް ތާޢީދު ކުރެވެން ނެތޭ ބުނެފިއްޔާ ދެންބަލަނީ ތަފާތު ގޮތްގޮތުން ޖެއްސުންކުރެވޭތޯއެވެ. މަގުމަތިން ފެނުމުންނާއި، ފޯނުންނާއި އެސްއެމްއެސް މެދުވެރިކޮށެވެ. މިއީ ވަރަށް ދެރަކަމެކެވެ. މިފަދަ އަމަލުތައް ހިންގާ ނުވަތަ ހިންގުމަށް ބާރު އަޅާ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ މަޖިލިހުގެ ގޮޑިއެއް ލިބުން އެކަށީގެންވާ ބަޔަކަށް ނުވާނެއެވެ. އެއީ އެފަރާތްތަކަކީ އެހެން މީހުންގެ ނިންމުންތަކަށް އިޙްތިރާމް ކުރުމުގެ ޤާބިލުކަން ލިބިފައިނުވާ ބަޔަކަށްވާތީއެވެ.

1

ޢާންމު އިންތިހާބުގެ ނަތީޖާއާމެދު ދެކޭގޮތް


9 މެއި 2009 ދުވަހަކީ، ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް ބޭއްވޭ ގިނަ ޕާޓީތައް ވާދަކޮށް ރައްޔިތުންގެ މަޖިލިހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު (އާންމު އިންތިހާބު) ބޭއްވޭ ދުވަހެވެ. މިއިންތިހާބުގައި ވާދަކުރަނީ ހަމައެކަނި ގިނަ ޕާޓިތަކެއް އެކަންޏެއްނޫނެވެ. މީގެއިތުރުން ވަރަށް ގިނަ އަމިއްލަ (އިންޑިޕެންޑެންޓް) ކެންޑިޑޭޓުންވެސް ވާދަކުރައްވައެވެ.


2008 ގެ އޯގަސްޓްގައި ޢަމަލުކުރަން ފެށި އާ ޤާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ ބޭއްވުނު ރިޔާސީ އިންތިހާބުގެ ނަތީޖާއާބެހޭގޮތުން ތަފާތު ޚިޔާލުތަކެއް އެބަހުއްޓެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ނަތީޖާއާބެހޭގޮތުން ބައެއް ފަރާތްތަކުން ދެކޭގޮތެވެ. އެއީ އެއިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް ކާމިޔާބު ލިބުނީ، ދެވަނަ ބުރުގައި އެޕާޓީއަށް ތާޢީދުކުރެއްވި އެހެން ޕާޓީތަކެއްގެ އިސްބޭފުޅުންތަކެއް ދެއްކެވި "ބަހަނާ" ތައް ރައްޔިތުންގެ ގިނަބަޔަކަށް ޤަބޫލުކުރެވުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް އެވާހަކަތައް (އެބަހަނާތައް) ޤަބޫލުކުރެވުނީތީ އެކަމާ ވަރަށް ގިނަ ފަރާތަކުން ހިތާމަކުރާކަމަށް މިހާރަކަށް އައިސް ވާހަކަ ދެކެވެމުން ދެއެވެ.


ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އަށް ތާޢީދުކުރި ޕާޓީތަކުން ދެއްކެވި ވާހަކަތައް ޤަބޫލުކޮށް އެމްޑީޕީއަށް ވޯޓު ދެވުނުކަމަށްޓަކައި ހިތާމަކުރާ ބަޔަކު ޙަޤީޤަތުގައިވެސް އެބަތިބިތޯ ނުވަތަ ނޫންތޯ ޔަޤީންވާނެ ދުވަހަކީ 9 މެއި 2009 ގައި ބޭއްވޭ ޢާންމު އިންތިހާބުގެ ނަތީޖާ ހާމަވެގެންދާ ދުވަހުއެވެ. އެހެނީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި 2009 އިން 2014 އަށް އިންތިހާބު ކުރާ ރައްޔިތުން މަޖިލިހުގެ 77 ގޮޑީގެ ތެރެއިން މަދުވެގެން 38 ގޮޑި އެމްޑީޕީ އަށް ލިބިއްޖެނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އަށް ތާޢީދުކުރި ޕާޓީތަކުން ދެއްކެވި ވާހަކަތައް ޤަބޫލުކޮށް އެމްޑީޕީއަށް ވޯޓު ދެވުނުކަމަށްޓަކައި ހިތާމަކުރާ ބަޔަކު ތިބިކަމަށް ދެކެވޭ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ. ނަމަވެސް ރައްޔިތުން މަޖިލިހުގެ 77 ގޮޑީގެ ތެރެއިން މަދު އަދަދެއްގެ ގޮޑިތަކެއް އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ލިބިއްޖެނަމަ އޭގެ މާނައަކަށްވާނީ، އެޕާޓީއަށް ރައްޔިތުންގެ މާބޮޑު ތާޢީދެއްނެތްކަމާއި، އެޕާޓީގެ ޢަމަލުތަކާމެދު ރައްޔިތުން ކަންބޮޑުވާކަމާއި، މާޔޫސް ވެފައިވާ މިންވަރެވެ.


ދިވެހި ޤައުމާމެދު ވިސްނާށެވެ!

Blog's view optimised for 1152 x 864 pixels