Wednesday, June 17, 2009

12

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 6 ވަނަ މާއްދާވެސް އިސްލާޙްކުރަމާ

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 6 ވަނަ މާއްދާގައިވަނީ "... އެޑްވެލޮރަމް ޑިއުޓީ ދައްކަންޖެހޭ މުދަލަށް ޑިއުޓީ ދެއްކުމުގައި މުދަލުގެ އަގުކަމަށް ބަލާނީ، އިންޝުއަރކޮށްގެން ގެންނަ މުދަލަށް އެ މުދަލުގެ ސީ.އައި.އެފް އަގެވެ. އިންޝުއަރ ނުކޮށް ގެންނަ މުދަލަށް އެމުދަލެއްގެ ސީ.އެންޑް.އެފް. އަގެވެ." މިހެންނެވެ.

މިގޮތަށް އިމްޕޯޓް ޑިއުޓީ ނެގުމަކީ ބާޒާރުގައި މުދަލުގެ އަގު ބޮޑުވާން ދިމާވާ އެއްސަބުބުކަމުގައި ދެކެމެވެ. އެހެނީ މިސަރަހައްދުގެ ހުރިހާ ޤައުމަކަށް ބެލިއަށް، ދިވެހިރާއްޖެއަކީ މުދާ އިމްޕޯޓް ކުރުމަށްޓަކައި ހޭދަކުރަންޖެހޭ 'ފްރައިޓް' ނުވަތަ ނާލުގެ އަގު އެންމެ ބޮޑު ޤައުމުކަމަށްވާތިއެވެ. މިކަންމިހެން ދިމާވާ އެއްސަބަބަކީ މުދާ އުފުލާ ބޯޓްތަކުން ރާއްޖެއަށް މުދާ ގެނެސް އަނބުރާ ދާންޖެހެނީ ގާތްގަނޑަކަށް މުޅިންހެން ހުސްއަތާ ކަމަށްވާތީ، ޝިޕިންގ ލައިންތަކުން ރާއްޖެއަށް ނާލު ކަނޑައެޅުމުގައި ބޯޓް އަނބުރާ ދިއުމުގެ ޚަރަދުވެސް ރާއްޖެ ގެންނަ މުދަލުގެ ނާލުގެ ތެރޭގައި ހިމަނަން އެފަރާތްތަކަށް މަޖުބޫރުވާތީއެވެ.

އަދި މިގޮތަށް ސީ.އެންޑް.އެފް ނުވަތަ ސީ.އައި.އެފް އަގަށް (މުދަލުގެ އަގުގެ ތެރޭގައި ނާލު ހިމެނުމުންޖެހޭ އަގަށް) ބިނާކޮށް އިމްޕޯޓް ޑިއުޓީއަށް ނަގާ އަގު ކަނޑައެޅުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެންދާ ވަގުތުތަކުގައި ޝިޕިންގް ލައިންތަކުން ނާލު ބޮޑުކުރުމުން ރާއްޖޭގެ ބާޒާރުގައި ހަމައެކަނި އަގު ބޮޑުވެގެންދަނީ ތެލުގެ އަގެއް ނޫނެވެ. ރާއްޖެއަށް އިމްޕޯޓްކުރާ އެހެން ހުރިހާ މުދަލަކަށް މިކަމުގެ ސީދާ އަސަރުކުރާގޮތް މެދުވެރިވެއެވެ.

އެހެންކަމުން، އިމްޕޯޓް ޑިއުޓީ ނެގުމުގައި އެފް.އޯ.ބީ (ތަކެތީގެ އަގާއި، ބަނދަރުގައި، ނުވަތަ ވައިގެ ބަނދަރުގައި އޮތް އުޅަނދަކަށް އެތަކެތި އެރުވުމާ ހަމައަށް ހިނގި ޚަރަދު) އަގަކީ މުދަލަށް ޑިއުޓީ ދައްކަންޖެހޭ އަގުކަމުގައި ބަލާގޮތަށް ހަމަޖެހިއްޖެނަމަ ރާއްޖެއަށް އެތެރެކުރެވޭ ހުރިހާ މުދަލަކަށްވެސް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ އަގު ކުޑަވެގެންދާނެއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށްދާ ކޮންމެ ދަނޑިވަޅެއްގައި އެހެނިހެން މުދަލުގެ ބާވަތްތައް ހަމައެނިސްބަތުން ބޮޑުވެގެން ދިއުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިގެންދާނެކަމަށް ދެކެމެވެ.

ވީމާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާޙް ގެނެވޭއިރު މިޤާނޫނުގެ 6 ވަނަ މާއްދާއަށް އިސްވެދެންނެވި އިސްލާޙް ގެންނެވުމަށް ވިސްނެވުމަކީ ހެޔޮ ބަދަލަކަށްވާނެ ކަމެއްކަމުގައި އަޅުގަނޑަށް އުއްމީދުކުރެވެއެވެ.

Sunday, June 14, 2009

11

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު (ޤާނޫނު ނަންބަރު 79/31) އިސްލާޙްކުރުން

ހުށަހެޅިފައިވާ ބިލުގެ މަޤްޞަދާ މެދު ދެކޭގޮތް

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ހުށަހެޅޭއިރު އެންމެ އިސްކަމެއްގެ ގޮތުގައި ބަލައިލަން ބޭނުންވާ އެއްކަމަކީ، އެކަމެއް ހުށަހެޅޭ މަޤްޞަދު ޙާޞިލުކުރެވޭ މިންވަރެވެ. މިބިލް ހުށަހެޅުއްވުމުގެ މަޤްޞަދު ކަމުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި ދިރިއުޅުމުގެ އަގު ދުވަހެއް ދުވަހަކަށް މަތިވަމުންދާތީއާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާތީ، މިހާރުން މިހާރަށްވެސް ހޯދެންހުރި ޙައްލު ހޯދުމުގެ ގޮތުން،

  1. ކާބޯތަކެތީގެ އަގު އަތް ފޯރާ މިންވަރަށް ތިރިކުރުމާއި،
  2. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި،
  3. މަސްވެރިކަމާއި، ދަނޑުވެރިކަމާއި ދަތުރުފަތުރާއި އިޤްތިޞާދީ ޙަރަކާތްތަކަށް މަގުފަހިކޮށްދިނުމެވެ.

މަތީގައި ބަޔާންކުރެނު މަޤްޞަދުތައް ޙާޞިލުވުމަކީ ހަމަޔަޤީނުންވެސް ހެޔޮ އަދި ފައިދާހުރި ބަދަލުތަކެއް ރައްޔިތުންނަށް ލިބިގެންދާނެކަމެއް ކަމުގައި ޔަޤީނެވެ. މިގޮތުން ހުށަހެޅިފައިވާ އިސްލާޙްތަކުގެ ސަބަބުން އެމަޤްޞަދުތައް ޙާޞިލުވަނީ ކިހާ މިންވަރަކަން ދޭހަކޮށްދޭ ދިރާސާއެއް މިބިލާއެކު ހުށަހެޅިފައި އޮތުމުގެ މުހިންމުކަން ފާހަގަކޮށްލަންޖެހެއެވެ.

އިސްވެދެންނެވިފަދަ ދިރާސާއެއްގައި ފާއިތުވި ދެއެއް ނުވަތަ ތިން އަހަރުގެ ތެރޭގައި ކާބޯތަކެތީގެ ބައެއް މުހިންމު ބާވަތްތަކުގެ އަގު ހުރި މިންވަރާއި، މިތަކެތީގެ އިމްޕޯޓް ޑިއުޓީއަށް ސަރުކާރުން ލިބެމުންދިޔަ އާމްދަނީއާއި، ހުށަހަޅާފައިވާ މިންވަރަށް އިމްޕޯޓް ޑިއުޓީ ކުޑަކުރުމުން އަގުތަކަށް އަންނާނެ ނުވަތަ އަންނަންޖެހޭނެކަމަށް އަންދާޒާކުރެވޭ ހެޔޮބަދަލުތައް ހިމެނެންވާނެއެވެ. އަދި އަތް ފޯރާ މިންވަރަށް އަގުތައް ތިރިވުން މާނަކުރާގޮތެއްވެސް ވަރަށް ސާފު ބަހުން އެނގެން އޮތުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މިހާރުއޮތް ޙާލަތަކީ ކޮބައިކަމާއި މިބިލުގެ ސަބަބުން ދިރިއުޅުމުގެ ފެންވަރަށް އަންނާނެ ހެޔޮބަދަލުތަކަކީ ކޮބައިކަމާއި، މިބިލުގެ ސަބަބުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި ދަތުރުފަތުރާއި އިޤްތިޞާދީ ޙަރަކާތްތަކަށް މަގުފަހިވެގެންދާނީ ކޮންކޮން ކަންތައްތަކެއްކަންވެސް ބަޔާންކުރެވިފައި އޮންނަންވާނެކަމުގައި ދެކެމެވެ.

މިފަދަ ދިރާސާއެއްގެ ވާހަކަ މިދެކެވެނީ މިބިލުގެ މަޤްޞަދުތަކުގެ ތެރޭގައި މާނަ އަރާރުންވާފަދަ ބައެއް ކަންކަން ހުރިކަމަށްވެސް ފާހަގަކުރެވޭތީއެވެ. މިސާލަކަށް،

  • ދަނޑުވެރިކަމަށް މަގުފަހިކޮށްދިނުން އެއީ މަޤްޞަދެއްގެ ގޮތުގައި ހިމެނޭއިރު، ތަރުކާރީއާއި މޭވާގެ ބާވަތްތަކަށް އިމްޕޯޓް ޑިއުޓީ ދައްކަންނުޖެހޭ ގޮތަށް ހަމަޖެއްސުމުން، އިމްޕޯޓްކުރެވޭ މިބާވަތުގެ ތަކެތި ބާޒާރުން ލިބެން ހުންނަ އަގުތިރިވި ނަމަވެސް، ރާއްޖޭގައި މޭވާއާއި ތަރުކާރީ ހައްދާ ފަރާތްތަކަށް ހީނަރުކަމެއް ލިބިގެން ހިގައިދާނެކަމަށް ވިސްނެއެވެ.
  • ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން، އެއީ މަޤްޞަދެއްކަމުގައި ބަޔާންކޮށްފައިވާއިރު، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމަކީ ކާބޯތަކެތި ބާޒާރުން ގަންނަން ލިބެންހުރި އަގެއް މައްޗަށް އެކަނި ބިނާވެފައިވާކަމެއް ނޫނެވެ. ދިރިއުޅުމުުގެ ފެންވަރު ރަނގަޅުވުމުގެ ތެރޭގައި އެހެނިހެން އަސާސީ ޚިދްމަތްތަައް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ލިބެންހުންނަ ފެންވަރާއި މިންވަރުވެސް ހިމެނޭނެކަން ޔަޤީނެވެ. އެހެން އެކަންއޮތްއިރު، ސަރުކާރަށް ލިބޭ އާމްދަނީއަކުން އުނިވާ މިންވަރެއްގެ އަންދާޒާއެއް އެނގުމުގެ މުހިންމުކަން އިތުރުވެގެންދެއެވެ.
  • މިހެން މިދެންނެވީ، ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ އެހެންގޮތްތަކެއް ޢާންމުކޮށް އަންގައިދެވިފައިނުވާއިރު، ސަރުކާރަށްލިބެމުންދިޔަ އާމްދަނީ އެއް އުނިކޮށްލުމުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ނުވަތަ ފަހިކޮށްދޭންޖެހޭ ކަންކަން ކުރުމަށް ފައިސާނެތިއްޖެނަމަ އެކަމުގެ ޒިންމާ ނަގާނީ ރައްޔިތުންގެ މަޖިލީހުންތޯއެވެ؟ ނުވަތަ ސަރުކާރުންތޯއެވެ؟ އަދި ކޮންމެ ފަރާތަކުން ޒިންމާ ނެންގެވި ނަމަވެސް ރައްޔިތުން ތިބޭނީ އެޚިދްމަތަކުން ނުވަތަ ޚިދްމަތްތަކުން ލިބެންޖެހޭ ފޮނިމީރުކަން ނުލިބިފައެވެ.

އެހެންކަމުން ކޮންމެކަމެއް ނިންމާއިރުވެސް އެކަމެއްގެ ސަބަބުން ކުރާނެ އަސަރުތަކެއްގެ ފުރިހަމަ މަޢުލޫމާތާއެކު ނުނީ ކަމެއް ނިންމުމަކީ ބުއްދިވެރި ގޮތަކަށް ނުވާނެކަން ޔަޤީނެވެ. މިބިލުގައިވާ އެހެނިހެން ކަންކަމާމެދު އަޅުގަނޑުގެ ޚިޔާލުހުރިގޮތް ކުރިއަށް ހުރި ލިއުންތަކުގައި ފާހަގަކޮށްލުމަށް އުއްމީދުކުރަމުން މިލިއުން މިވަގުތަށް ކުރުކޮށްލާނަމަވެ.

Friday, June 12, 2009

10

ޤައުމީ ތަރައްޤީ - އެންމެންގެ ޒިންމާއެއް

ދިވެހިރާއްޖެއަކީ ޒަމާނީ ޑިމޮކްރެސީއެއް ތަޢާރަފްކުރެވި އޭގެ ފޮނިމީރުކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ޤައުމެކެވެ. މިގޮތުން އަލަށް އެކުލަވާލައި ޢަމަލުކުރަން ފަށާފައިވާ ޤާނޫނު އަސާސީގެ ދަށުން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްޤުތަކާމެދު ހިތްހަމަޖެހުން ފާޅުކުރެވިގެންދާއިރު، މުޖްތަމަޢު އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކުރާ ޒިންމާތަކުގެ މަތިން ހަދާންނައްތާލައިގެން ނުވާނެއެވެ. މިދެންނެވި ޒިންމާތައް ފުރިހަމަގޮތުގައި އަދާކުރުމަކީ ރާއްޖޭގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ސިފައެކެވެ. އެހެންނަމަވެސް، ރަނގަޅު އިޤްތިޞާދީ ވިސްނުމާއި ފިކުރަށްވުރެ ތަފާތު ސިޔާސީ ބަހަނާތައް ކުރިއެރުވުމަށް މަސައްކަތްކުރެވޭތަން ފެންނަމުންދާކަމީ ހިތާމަވެރިކަމެކެވެ. އެހެންކަމުން މިފަދަ ފައިދާއެއްނެތް ކަންކަމަށް އިސްކަންދިނުމުގެ ބަދަލުގައި، ހެޔޮބަދަލަކަށް އެދި އަޅުގަނޑުމެން މަސައްކަތްކުރަންވީ، ބިނާކުރަނިވި ރަނގަޅު އިޤްތިޞާދީ ވިސްނުމަށާއި ފިކުރަށް ފުރަސަތު ފަހިކޮށްދޭފަދަ ސިޔާސަތުތައް ކުރިއެރުވުމަށެވެ. އެއީ އަޅުނޑުމެން އެންމެންގެ ޒިންމާއަކަށް ހަދަމާހެއްޔެވެ؟



ޤައުމީ ތަރައްޤީ މިނެކިރުމަށް ބޭނުންކުރާ ތަފާތު މިންގަނޑުތަކުން ބަލާއިރު އަޅުގަނޑުމެންގެ މިދިވެހިރާއްޖެއަކީ ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އޮތް އެންމެ ކާމިޔާބު އެއްޤައުމެވެ. މިކާމިޔާބީއާއި ކުރިއެރުމުގެ ފުރިހަމަ ބޭނުންކޮށް ރާއްޖެއަކީ ފާގަތި، އުފާވެރި، އަމާން، ދިރިއުޅުމެއް ފަހިވެފައިވާ ޤައުމެއްގެ ގޮތުގައި ދަމަހައްޓައި، އަންނާންއޮތް ޖީލުތަކަށް މިގޮތުގައި މިޤައުމު ފޯރުކޮށްދިނުމަށްޓަކައި އެކުވެރިވެ އެއްބައެއްވަންތަކަމާއެކު އެއްއަމާޒަކަށް މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން އެންމެން ވާންޖެހެއެވެ. ޤައުމީ ތަރައްޤީއަށްޓަކައި ބޭނުންވަނީ އެއްބައިވަންތަ އެކުވެރި ބައެއް ދިރިއުޅޭ ދިވެހިރާއްޖެއެކެވެ. މިވިސްނުމުގައި މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.

ވިސްނާށޭ، ދިވެހި ޤައުމަށްޓަކައި! ހެޔޮ ބަދަލުގެނެވޭނީ އެންމެން އެއްބާރުލައި އެކުވެރިވެގެންނެވެ.

Friday, June 05, 2009

9

ދައުލަތް ހިންގުމުގެ ނިޒާމް



ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ހިންގުން ބިނާކުރާނީ ރިޔާސީ ނިޒާމެއްގެ މައްޗަށްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްގެ މައްޗަށްތޯ ބެލުމަށް 18 އޯގަސްޓް 2007 ގައި ނެގި ވޯޓުގައި، ވޯޓްލުމުގެ ޙައްޤު ލިބިފައިވާ އާބާދީގެ 77 ޕަސެންޓް (ގާތްގަނޑަކަށް 150,000 މީހުން) އަށް ވުރެ ބޮޑު އާބާދީއެއް ބައިވެރިވެފައިވެއެވެ. އެވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ރިޔާސީ ނިޒާމެއް ބޭއްވުމަށް ވޯޓް ދިންއިރު، ބަރުލަމާނީ ނިޒާމެއް ބޭއްވުމަށް ތާއީދުކޮށްފައިވަނީ 38 ޕަސެންޓް މީހުންނެވެ. އަދި އެނަތީޖާއަށް ބަލައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫނު އަސާސީ 2008، އެކުލަވާލާފައިވަނީ ދައުލަތް ހިންގުމުގެ 3 ބާރު (ވެރިކަމުގެ ބާރާއި، ޤާނޫނުހެދުމުގެ ބާރާއި، އަދުލްއިންސާފް ޤާއިމުކުރުމުގެ ބާރު) ރިޔާސީ ނިޒާމެއްގައި އެތުރިފައިވާ އޮންނަޖެހޭނެކަމަށް ޢާންމުކޮށް ޤަބޫލުކުރެވޭ ވިސްނުންތަކުގެ މައްޗަށްކަމުގައި އަޅުގަނޑުމެން އެންމެވެސް ޤަބޫލުކުރަމެވެ.

ނަމަވެސް، ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމަށް ބޮޑު ކެމްޕޭނެއްކުރެވި، ދައުލަތުން ބޮޑު ހޭދައެއް ކުރެވިފައިވާއިރު، 2008 ގައި އަލަށް އެކުލަވާލި ޤާނޫނު އަސާސީގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ހިންގުން ބިނާކުރަންވާނީ ރިޔާސީ ނިޒާމެއްގެ މައްޗަށްކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް އަޅުގަނޑަކަށް އަދި ފެނިފައެއްނުވެއެވެ. އެއީ ފަހަރުގައި އަޅުގަނޑުގެ ކިބައިގައި ހުރި ނާޤާބިލުކަމަކަށްވެސް ވެދާނެއެވެ. ކޮންމެގޮތެއްގައި ނަމަވެސް، އެފަދަ އިޝާރާތެއް ކަނޑައެޅި ބަޔާންވެފައިނެތްކަމީ އެކަމާ ހަމަގައިމުވެސް އަޅުގަނޑު ހިތާމަކުރާކަމެކެވެ.

Blog's view optimised for 1152 x 864 pixels