Sunday, June 14, 2009

11

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު (ޤާނޫނު ނަންބަރު 79/31) އިސްލާޙްކުރުން

ހުށަހެޅިފައިވާ ބިލުގެ މަޤްޞަދާ މެދު ދެކޭގޮތް

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ހުށަހެޅޭއިރު އެންމެ އިސްކަމެއްގެ ގޮތުގައި ބަލައިލަން ބޭނުންވާ އެއްކަމަކީ، އެކަމެއް ހުށަހެޅޭ މަޤްޞަދު ޙާޞިލުކުރެވޭ މިންވަރެވެ. މިބިލް ހުށަހެޅުއްވުމުގެ މަޤްޞަދު ކަމުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި ދިރިއުޅުމުގެ އަގު ދުވަހެއް ދުވަހަކަށް މަތިވަމުންދާތީއާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާތީ، މިހާރުން މިހާރަށްވެސް ހޯދެންހުރި ޙައްލު ހޯދުމުގެ ގޮތުން،

  1. ކާބޯތަކެތީގެ އަގު އަތް ފޯރާ މިންވަރަށް ތިރިކުރުމާއި،
  2. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި،
  3. މަސްވެރިކަމާއި، ދަނޑުވެރިކަމާއި ދަތުރުފަތުރާއި އިޤްތިޞާދީ ޙަރަކާތްތަކަށް މަގުފަހިކޮށްދިނުމެވެ.

މަތީގައި ބަޔާންކުރެނު މަޤްޞަދުތައް ޙާޞިލުވުމަކީ ހަމަޔަޤީނުންވެސް ހެޔޮ އަދި ފައިދާހުރި ބަދަލުތަކެއް ރައްޔިތުންނަށް ލިބިގެންދާނެކަމެއް ކަމުގައި ޔަޤީނެވެ. މިގޮތުން ހުށަހެޅިފައިވާ އިސްލާޙްތަކުގެ ސަބަބުން އެމަޤްޞަދުތައް ޙާޞިލުވަނީ ކިހާ މިންވަރަކަން ދޭހަކޮށްދޭ ދިރާސާއެއް މިބިލާއެކު ހުށަހެޅިފައި އޮތުމުގެ މުހިންމުކަން ފާހަގަކޮށްލަންޖެހެއެވެ.

އިސްވެދެންނެވިފަދަ ދިރާސާއެއްގައި ފާއިތުވި ދެއެއް ނުވަތަ ތިން އަހަރުގެ ތެރޭގައި ކާބޯތަކެތީގެ ބައެއް މުހިންމު ބާވަތްތަކުގެ އަގު ހުރި މިންވަރާއި، މިތަކެތީގެ އިމްޕޯޓް ޑިއުޓީއަށް ސަރުކާރުން ލިބެމުންދިޔަ އާމްދަނީއާއި، ހުށަހަޅާފައިވާ މިންވަރަށް އިމްޕޯޓް ޑިއުޓީ ކުޑަކުރުމުން އަގުތަކަށް އަންނާނެ ނުވަތަ އަންނަންޖެހޭނެކަމަށް އަންދާޒާކުރެވޭ ހެޔޮބަދަލުތައް ހިމެނެންވާނެއެވެ. އަދި އަތް ފޯރާ މިންވަރަށް އަގުތައް ތިރިވުން މާނަކުރާގޮތެއްވެސް ވަރަށް ސާފު ބަހުން އެނގެން އޮތުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މިހާރުއޮތް ޙާލަތަކީ ކޮބައިކަމާއި މިބިލުގެ ސަބަބުން ދިރިއުޅުމުގެ ފެންވަރަށް އަންނާނެ ހެޔޮބަދަލުތަކަކީ ކޮބައިކަމާއި، މިބިލުގެ ސަބަބުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި ދަތުރުފަތުރާއި އިޤްތިޞާދީ ޙަރަކާތްތަކަށް މަގުފަހިވެގެންދާނީ ކޮންކޮން ކަންތައްތަކެއްކަންވެސް ބަޔާންކުރެވިފައި އޮންނަންވާނެކަމުގައި ދެކެމެވެ.

މިފަދަ ދިރާސާއެއްގެ ވާހަކަ މިދެކެވެނީ މިބިލުގެ މަޤްޞަދުތަކުގެ ތެރޭގައި މާނަ އަރާރުންވާފަދަ ބައެއް ކަންކަން ހުރިކަމަށްވެސް ފާހަގަކުރެވޭތީއެވެ. މިސާލަކަށް،

  • ދަނޑުވެރިކަމަށް މަގުފަހިކޮށްދިނުން އެއީ މަޤްޞަދެއްގެ ގޮތުގައި ހިމެނޭއިރު، ތަރުކާރީއާއި މޭވާގެ ބާވަތްތަކަށް އިމްޕޯޓް ޑިއުޓީ ދައްކަންނުޖެހޭ ގޮތަށް ހަމަޖެއްސުމުން، އިމްޕޯޓްކުރެވޭ މިބާވަތުގެ ތަކެތި ބާޒާރުން ލިބެން ހުންނަ އަގުތިރިވި ނަމަވެސް، ރާއްޖޭގައި މޭވާއާއި ތަރުކާރީ ހައްދާ ފަރާތްތަކަށް ހީނަރުކަމެއް ލިބިގެން ހިގައިދާނެކަމަށް ވިސްނެއެވެ.
  • ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން، އެއީ މަޤްޞަދެއްކަމުގައި ބަޔާންކޮށްފައިވާއިރު، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމަކީ ކާބޯތަކެތި ބާޒާރުން ގަންނަން ލިބެންހުރި އަގެއް މައްޗަށް އެކަނި ބިނާވެފައިވާކަމެއް ނޫނެވެ. ދިރިއުޅުމުުގެ ފެންވަރު ރަނގަޅުވުމުގެ ތެރޭގައި އެހެނިހެން އަސާސީ ޚިދްމަތްތަައް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ލިބެންހުންނަ ފެންވަރާއި މިންވަރުވެސް ހިމެނޭނެކަން ޔަޤީނެވެ. އެހެން އެކަންއޮތްއިރު، ސަރުކާރަށް ލިބޭ އާމްދަނީއަކުން އުނިވާ މިންވަރެއްގެ އަންދާޒާއެއް އެނގުމުގެ މުހިންމުކަން އިތުރުވެގެންދެއެވެ.
  • މިހެން މިދެންނެވީ، ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ އެހެންގޮތްތަކެއް ޢާންމުކޮށް އަންގައިދެވިފައިނުވާއިރު، ސަރުކާރަށްލިބެމުންދިޔަ އާމްދަނީ އެއް އުނިކޮށްލުމުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ނުވަތަ ފަހިކޮށްދޭންޖެހޭ ކަންކަން ކުރުމަށް ފައިސާނެތިއްޖެނަމަ އެކަމުގެ ޒިންމާ ނަގާނީ ރައްޔިތުންގެ މަޖިލީހުންތޯއެވެ؟ ނުވަތަ ސަރުކާރުންތޯއެވެ؟ އަދި ކޮންމެ ފަރާތަކުން ޒިންމާ ނެންގެވި ނަމަވެސް ރައްޔިތުން ތިބޭނީ އެޚިދްމަތަކުން ނުވަތަ ޚިދްމަތްތަކުން ލިބެންޖެހޭ ފޮނިމީރުކަން ނުލިބިފައެވެ.

އެހެންކަމުން ކޮންމެކަމެއް ނިންމާއިރުވެސް އެކަމެއްގެ ސަބަބުން ކުރާނެ އަސަރުތަކެއްގެ ފުރިހަމަ މަޢުލޫމާތާއެކު ނުނީ ކަމެއް ނިންމުމަކީ ބުއްދިވެރި ގޮތަކަށް ނުވާނެކަން ޔަޤީނެވެ. މިބިލުގައިވާ އެހެނިހެން ކަންކަމާމެދު އަޅުގަނޑުގެ ޚިޔާލުހުރިގޮތް ކުރިއަށް ހުރި ލިއުންތަކުގައި ފާހަގަކޮށްލުމަށް އުއްމީދުކުރަމުން މިލިއުން މިވަގުތަށް ކުރުކޮށްލާނަމަވެ.

1 comment:

  1. i am happy see your service like this. keep it up. we need people like you for the country

    ReplyDelete

Blog's view optimised for 1152 x 864 pixels